މެމްބަރުކަން ކުރާހިތްވުމާއި، މެމްބަރުކަމަށް ކުރިމަތިލުން

މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް މެމްބަރު އީވާ އާއި މުޙައްމަދު ދޮނޭ

ލިޔުނީ: މުޙައްމަދު ރަޝީދު ދޮނޭ ހ. ދޮންއަންނާރުގެ

ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގެ އެކިއެކި ކަންކަމަށް ބަލާލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރާހިތްވުމާއި، މެމްބަރުކަމަށް ކުރިމަތިލުން، މިއީވެސް ކުޑަކޮށް އަލިއަޅުވާލާ، ވިސްނާ ފިކުރު ހިންގައިލާން ރަނގަޅު މަޢުލޫއެއްކަމުގައި ވިސްނި މިކަމަށް ގަލަން ހިންގައިލެވޭތޯ ބަލައިލީއެވެ.

މެމްބަރު ކަމަކީވެސް ފަންނެކެވެ. ޤައުމެއްގެ އިންޖީނު ހިންގައިލުމަށް ތަފާތު ހުނަރުވެރިންނާއި ފަންނުވެރިންގެ މަދަދު ބޭނުންވާހެން ކޮންމެ ޤައުމެއްގެ ރައްޔިތުންގެ މަޖިލީހަށް ވެސް ތަފާތު ހުނަރުތަކުގެ މީހުން ބޭނުންވެއެވެ. ގޭގެ އިސް ފަރާތް، އޮފީހުގެ މެނޭޖަރު، ކުންފުނީގެ ވެރިޔާ އަދި ރަށުގެ އިސްވެރިޔާ އެކަންކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އުސޫލުތަކެއް އޮންނަ ފަދައިން، ޤައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުން ހޮވާ މީހާއަކީ، އެޤައުމެއްގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ޤާނޫނުތަކާއި ޤަވާއިދުތައް، ހެދުމުގައި، ފަލްސަފާވެރި ވިސްނުންތަކެއްގެ ތެރެއިން، މަސައްކަތް ތަކެއް ކުރަން ޖެހޭ މީހެކެވެ.

ޤައުމެއްގެ އިންޖީނު ހިންގުމަށް، ނޫނީ ބާރަށް ހިންގުމަށް ބޭނުންވާ ފަރާތްތައް ވާންޖެހޭނީ އެފަރާތެއްގެ ދާއިރާއިން ތަޢުލީމާއި، އިލްމާއި އަދި ހުނަރު ލިބިފައިވާ ފަރާތްތަކަށެވެ. އަދި ބައެއް ފަހަރު ތަޖްރިބާވެސް ހުންނަންޖެހެއެވެ. އިންޖިނޭރުކަމާއި، ޑޮކްޓަރީކަމާއި، މިލިޓަރީ ތަމްރީނާއި، ފުލުހުންގެ ތަމްރީނާއި އަދި ޕޮލިޓިކްސް އާއި އެހެނިހެން ދާއިރާތަކުންނެވެ. މާބޮޑު ތަޢުލީމެއް ނުލިބި ރާއްޖޭގައި މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން މަސްވެރިކަމަށް ބަލާލިއަސް، ޚާއްސަ ގޮތެއްގައި މަސްދޯނީގެ ކެޔޮޅަކީ މަސްވެރިކަމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ. ދުނިޔޭގެ ކަންކަން މިނިޒާމުން، މިތަރުތީބުން ހިނގަމުން އަންނައިރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހަމަކޮންމެ މީހަކު ކަމުދާނެބާއެވެ. މެމްބަރުކަން އަދި ކުރާހިތްވިއަސް އެކަންކުރާހިތްވާ ހުރިހާމީހުން އެކަމަށް ކުފޫ ހަމަވާނެބާއެވެ. ނޫނީ މެމްބަރުކަމަށް ހޮވުނަސް އެކަން ރަނގަޅަށް ކުރެވޭނެބާއެވެ. ރައްޔިތުންގެ މަޖިލީހުގެ މާޒީގެ ތެރެއަށް ބަލާލުމުން ފެންނަނީ ކޮންކަހަލަ މަންޒަރުތަކެއް ތޯއެވެ.

ދުނިޔޭގެ އިޤްތިސާދާއި، ސިޔާސީ ފަލްސަފާއާއި، އަސްކަރީއާއި، ތަޢުލީމާއި، ސައިންސާއި ޓެކްނޮލޮޖީ އަދި އެނޫންވެސް އެތައްކަންތައްތަކަކަށް ބަދަލުތަކާއި ކުރިއެރުން އަންނަމުން، ހައިރާންވާހާ ބާރުމިނުގައި، ދުނިޔެ ތަރައްޤީ ވަމުންދާއިރު، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާންވާނީވެސް، އެކަން ދުނިޔޭގެ ފެންވަރުގައި ކުރެވޭނެ ފަރާތްތަކެވެ. ތިމާއަކީ ޕޯޑިއަމެއްގައި އަޑަށް ބާރުލާފައި ވާހަކަ ދައްކަން ކެރުމަކުން، އެނގުމަކުން ނުފުދެއެވެ. ސިޔާސީ ވިސްނުމާއި ފިކުރު ކޮންމެވެސް ވަރަކަށް ހުރިކަމުގައި ވިޔަސް، ދުނިޔެ މިހާ ތަރައްޤީ ޒަމާނެއްގައި، ކޮންމެ ވެސް ރޮނގަކުން ތަޢުލީމެއް ނެތިއްޔާ ހަމަ ކަމުދާނެބާއެވެ.

ކޮންމެ މީހަކުވެސް ކުރާހިތްވާ އެތައް ކަމެއް ހުންނާނެއެވެ. އެކަމަކު އެމީހާ ކުރާހިތްވާ ކަންކަމުގެ ތެރެއިން، އެމީހާ ކުރުމަށް ކުރިމަތިލާ، ފައިނަގަންވާނީ އެމީހަކަށް ކުރެވޭވަރުގެ ކަންކަމެވެ. ފައިސާ ހުއްޓަސް، ނުވާވަރުގެ ކަންކަން ކުރަން އުޅުމުން ގިނަފަހަރަށް ވާނީ ފަލީހަތެވެ. ރައްދުވާނީ މީހުންގެ މަލާމާތާއި ފުރައްސާރައެވެ. ބުއްދިވެރިމީހާއަކީ، ތިމާއަށް ކުރެވޭނެ ކަންކަން ތިމާއަށްވިސްނި ޤަބޫލުކުރާ މީހާއެވެ.

ދިވެހި ރައްޔިތުންގެ މިހާރުގެ ހޭލުންތެރިކަމަށް ވިސްނާލާއިރު، ދެން ހޮވާ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސިޔާސީ ބައެއް މުފައްކިރުން ޤަބޫލުކުރެއެވެ. ދެން ހޮވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ގިނަ ދާއިރާތަކުގެ ރައްޔިތުން ހޮވާނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަސްޢޫލިއްޔަތު ވަރަށް ރަނގަޅު ފެންވަރެއްގައި އަދާކުރެވޭވަރުގެ، ތަޢުލީމާއި، ޤާބިލްކަމާއި، ފަލްސަފާއާއި ހުނަރު އެންމެ ބޮޑަށް ލިބިފައިވާކަމަށް، އެ ރައްޔިތުންނަށް ޤަބޫލުކުރެވޭ ފަރާތްތައް ކަމަށް ބެލެވެއެވެ.

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s